ވިކްޓިމް އަކީ ކާކު؟

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި އެތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ތަހުގީގުކޮށް ދައުލަތުން އޭނާ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް ހިނގަމުން ދަނިކޮށް ފިލައިގެން ދިއުމާއި އެއާ ގުޅިގެން ދެން ހިނގައި ދިޔަ ހުރިހާ ކަމަކަށް އަލީ ވަހީދު ދެއްވި މައިގަނޑު ޖަވާބަކީ މިއީ އެވެ؛

“މި ހުރިހާ ކަމެއްގައި ވިކްޓިމް އަކީ އަޅުގަނޑު”

“އަނިޔާ ލިބުނީ އަޅުގަނޑަށް. އަޅުގަނޑަކީ ވިކްޓިމް އެއް،” އަލީ ވަހީދު ތަކުރާރުކޮށް ވިދާޅުވި އެވެ”

ޖުލައި 9، 2020 ގައި، އަލީ ވަހީދުގެ މައްޗަށް ކުރި ސިއްސައިގެން ދާ ވަރުގެ ބޮޑު ތުހުމަތާ އެކު ދެން ކަންތައް ވެގެން ދިޔަ ގޮތް “އަނިޔާ” އަށް ވުރެ ބޮޑަށް ސިފަ ވަނީ ދައުލަތުގެ އެތެރެ އާއި ބޭރުން ނުފޫޒު ފޯރުވައި އަޑުގަދަ ސިޔާސީ މީހަކު ބޮޑު ކުށަކުން ރެކިވަޑައިގެން މިނިވަންވި ގޮތެވެ

ފުރުން މަނާކުރުމުގެ އަމުރު ބާތިލު ކުރުމަށް ފަހު ދަންވަރު ގަޑީ ޕާސްޕޯޓު ވެސް ހޯދައި މުޅި ދައުލަތް “ނިދާފައި” އޮއްވައި އަލީ ވަހީދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން އިނގިރޭސި ވިލާތަށް ފުރައިވަޑައިގަތެވެ.

އެއީ ކިހިނެއްވީ ކަމެއްތޯ ޕީޖީ އާއި ކޯޓުތަކާއި ދައުލަތް ބަހުސް ކުރަން ފެށިއިރު އަލީ ވަހީދު ހުރީ ރާއްޖެއިން ބޭރުގަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ ވެސް އޭގެ ތެރޭގައި ހިމެނި އެވެ. އެ ފައިސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖެހިވަޑައިގަތް ކަމުގެ ތުހުމަތެވެ. އަދީބުގެ ފޯނުތައް އެރީ އޭނާގެ އަތަށް އެރި ކަމާއި ދައުލަތް “ބަރަހަނާ” ވާވަރުގެ ހަގީގަތް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ “ބްލެކް މެއިލް” ކުރަމުން ދިޔަ އެވެ.

އަލީ ވަހީދު ފުރިހަމަ މިނިވަނެއްގެ ގޮތުގައި ރާއްޖެ އާދެވޭނެ ހުރިހާ މަގެއް ހުރީ ކޮށައިދީފަ އެވެ. ފުލުހުން ހިންގި ބޮޑު ތަހުގީގުގެ ބޭނުމެއް ނެތެވެ. އޭނާ އަށް ކުރި ހުރިހާ ދައުވާތަކެއް ޕީޖީން އަނބުރާ ގެންދިޔައީ އެވެ. ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި ކުރި ޖަލު ހުކުމް ވެސް ބާތިލް ކޮށްފި އެވެ.

އަނިޔާ ލިބުނު ކަމަށް ބުނި އަންހެނުން ވެސް އަލީ ވަހީދާ ދެކޮޅަށް ތަހުގީގުގައި ދިން ބަޔާންތަކަށް ފަހުން އިންކާރުކޮށް އަދި ކޯޓުގައި ހެކިބަސް ވެސް ދެން ނުދޭނެ ކަމަށް ބުނެ ފުލުހުންނާއި ޕީޖީއަށް ސިޓީތަކެއް ފޮނުވި އެވެ. މިއީ ކޮންފަދަ ނުފޫޒަކުން ހިނގި ކަމެއްތޯ ސުވާލެއް އުފެއްދި ތަނެއް ވެސް ނުފެނުނެވެ.

މިހާ ހިސާބުން ކުރަންޖެހޭ މުހިންމު ސުވާލެއް އެބައޮތެވެ. މި ރާއްޖޭގައި ކޯޓުތަކާއި ، ޕްރޮސެކިއުޓަރ ޖެނެރަލް އާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ޕެރެލައިޒްނުވޭ ހެއްޔެވެ

ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖަލަށް ލާން ކުރި ހުކުމް ބާތިލްކޮށް މާފުދިނީ އޭނާ މާފަށް އެދި ކޯޓަށް އެކަން އެންގުމުން ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ. އަންހެނުންގެ ހައްގަށް ވަކާލާތުކުރައްވާ ބޭފުޅުން ޖޭއެސްސީގައި ތިއްބަވާއިރު އަދި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރައްވާ އެމްޑީޕީގެ ބޭފުޅުންގެ މި ސަރުކާރުގައި މިވަރުގެ ކަމެއް ހިނގައި ދިޔައިރު މިކަމާމެދު އެބޭފުޅުން ހަނު ތިބި ކަމަށް ފާހަގަކުރެވެއެވެ. ހައްގުތަކުގެ ވާހަކަދައްކަންވީ ވޯޓާއި ޖެހުނީމާކަން މިއަދު ފެންނާން އެބައޮތެވެ

ހަމަ ޔަގީނުންވެސް އަދުލުވެރިކަމާއި އިންސާފު ހޯދައިދިނުމަކީ 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނަށް ވެފައިވާ ވައުދެކެވެ. މިއަދު ފެންނަމުންދާ މަންޒަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއް ރަށުން އަނެއް ރަށަށް އަދި އެއް ދޮރުން އަނެއް ދޮރަށް ވަޑައިގަންނަވާ ފޮޓޯއެވެ. ކުރިންވީ ވައުދުތައް ހަނދާންވެސް ނެތް ފަދައެވެ. އިތުރު ވައުދުތައް އަނެއްކާވެސް ވަމުންދާ އަޑާއި މަންޒަރު އެބަފެނެއެވެ. މިހެންކަމުން މި ރާއްޖޭގެ ހާލަތު ނިމެމުން މިދާ ދައުރުގައި ނުވަތަ ވެރިކަމުގައި ފަހަތަށް ގޮސްފައިވާ މިންވަރު ނިކަން ރަނގަޅަށް ހިތަށްގެނެއެވެ.