ފުޓްބޯޅަ އަޑިއަޅާލައިގެން ދިޔައިރު ވެސް ކްލަބްތަކުން ކަންބޮޑު ނުވަނީތޯ ސުވާލު އުފައްދައިފި

ރާއްޖޭގެ ފުޓްބޯޅަ އާއި އެފްއޭއެމް އަޑިއަޅާލައިގެން ދިޔައިރު ވެސް، އެ އެސޯސިއޭޝަންގެ މެންބަރު ކްލަބްތަކުން ކަންބޮޑު ނުވަނީތޯ، “ސޭވް އެފްއޭއެމް” ކެމްޕޭނުގެ ބައިވެރިން ސުވާލު އުފައްދައިފި އެވެ.

އެފްއޭއެމާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމް ކުރުމަށް ގޮވާލައި، ލޯންޗު ކުރި “ސޭވް އެފްއޭއެމް” ކެމްޕޭނުގެ ފުރަތަމަ ބައްދަލުވުމުގައި ބައެއް ފަރާތްތަކުން ވަނީ ފުޓްބޯޅަ އަޑިގަނޑަކަށް ވެއްޓުނު އިރު ވެސް އެކަންކަމާ ކްލަބްތަކުން އެއްވެސް ޒިންމާއެއް ނުނަގާތީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

ޝީ ބިލްޑިންގެ އަސަރީ މާލަމްގައި ބޭއްވި އެ ހަރަކާތުގެ ބައްދަލުވުމުގައި ފުރަތަމަ ޑިވިޝަންގެ އެއް ވެސް ކްލަބެއް ނެތުމަކީ އެފްއޭއެމާއި ފުޓްބޯޅަ ވެއްޓިފައި އޮތް ހާލަތު ކްލަބްތަކަށް ވަރިހަމަވުން ތޯ ގައުމީ ޓީމަށް ކުރިން ކުޅުނު ގޯލްކީޕަރު މުހައްމަދު ޝިނާން (ނާނީ) ސުވާލު އުފެއްދި އެވެ.

“މި ތަނަކުން ނުފެނޭ ފަސްޓް ޑިވިޝަންގެ އެއްވެސް ކްލަބެއް. އޭގެ މާނައަކީ އެ ބޭފުޅުންނަށް ‘އޯކޭ’ އީތޯއޭ ފުޓްބޯޅަ ހިނގާގޮތް. ކީއްވެގެންތޯ އޭ މިތަނަށް އައިސް ހިޔާލުފާޅުކޮށް [ނުހަދަންވީ]. އެބޭފުޅުންނަށް އޯކޭ އީ ތޯ އޭ ހަމަ،” ނާނީ ބުންޏެވެ.

އެ ބައްދަލުވުމުގައި ފާޅުކުރި އަނެއް ހިޔާލަކީ، އެފްއޭއެމް ފެޑެރޭޝަނަކަށް ހަދަން މަގު ފަހު ކުރުމަށްޓަކައި، ސަރަހައްދީ އެސޯސިއޭޝަންތައް ހެދުމަށްބާރު އެޅުމަށް ކްލަބްތައް މެދުވެރިކޮށް މަސައްކަތް ކުރުމެވެ.

އެގޮތުން އަތޮޅުތަކުގައި އެފްއޭއެމް ސަރަހައްދީ އެސޯސިއޭޝަންތައް ހެދުމަށް، އެފްއޭއެމްގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ހުށަހެޅުމަށް ކްލަބްތަކަށް އިލްތިމާސް ކުރުމަށް ބައެއް ބައިވެރިން ޝުއޫރުފާޅު ކުރި އެވެ.

Leave a Reply